ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރަކީ ޖަވާބު ނުދޭ ފޯނު ކޯލެއް: މަލީހު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަކީ ޖަވާބު ނުދޭ ފޯނު ކޯލެއްގެ ގޮތުގައި އެމަނިކުފާނުގެ ފުރަތަމަ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލާން ހުކުމް ކުރިތާ 600 ދުވަސް ވުމާއި ގުޅިގެން ޗެނަލް 13 އިން ގެނެސްދިން ހާއްސަ ކަވަރޭޖެއްގައި ވާހަކަ ދައްކަވަމުންނެވެ. މަލީހު ވިދާޅުވިގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ކަމެއްގައި ރައްޔިތުންނަށް އެހީތެރިކަމެއް ފޯރު ނުކޮށްދެވެއެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ވިޔަފާރިވެރިންނަށްވެސް ސަރުކާރުގެ އެއްވެސް އިދާރާއަކަށް ގުޅޭގޮތް ނުވެއެވެ.

”ރައީސް ސޯލިހުގެ ސަަރުކާރަކީ ޖަވާބު ނުދޭ ފޯނު ކޯލަކަށް ގުޅުން ކަހަލަ ކަމެއް. ކިތަންމެ ވަރަކަށް ގުޅިޔަސް މިއަދުގެ ސަރުކާރު ފެނިގެން ދަނީ އެހެން.“ މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މިސަރުކާރުގެ ވަޒީރުކަމުގައި ހުންނެވި އިރު އޭނާގެ މެންޑޭޓުގައި ހިމެނޭ ހުރިހާ ކަމެއް ނިންމި ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ތަންފީޒު ކުރުމުގައި ރައީސް ސޯލިހު ނުކުޅެދިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

”އަޅުގަނޑުގެ މެންޑޭޓުގައި ހިމެނޭ ކަނަކަން 6 މަސް ދުވަހުގެ ތެރޭގައި ނިންމިން. އެއޮތީ އެ ހުރިހާ ކަމެއް ޕާކު ކޮށްފަ. މިއީ އެއްކަލަ ދަބަރަށް ވާން ދޫކޮށްފަ ޕާކު ކޮށްފަ އޮންނަ ސަރުކާރެކޭ އެއްވެސް ތަފާތެއް ނެތް. މީގެ ބޭނުމެއް އަޅުގަނޑުމެންނަކަށް ނުފެނޭ.“ މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ އިދިކޮޅުގެ އެންމެ މަގުބޫލު ޝަހުސިއްޔަތުކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ ރައީސް ޔާމީނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެވޭ އިންތިހާބެއް 2023 ގެ ކުރިން އަންނަން ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button