
ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ކްލަބް ކަމުގައިވާ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށްފަހު އެ ކުލަބުގެ ”އައިކޯނިކް“ 4 ނަންބަރު ޖާޒީގައި ކުޅުމުގެ ފުރުސަތު ރެއާލްއަށް އަލަށް ސޮއިކުރި އޮސްޓްރިއާގެ ތަރި ޑޭވިޑް އަލަބާ އަށް ލިބިއްޖެއެވެ.
އިއްޔެ ރެއާލުން ވަނީ ފުރަތަމަ ފަހަރަށް އަލަބާ ރެއާލުގެ ޖާޒީގައި ސަޕޯޓަރުންނަށް ދައްކައިލާފައެވެ. ރެއާލުން މި ސީޒަނުގައި ގެނެސްފައިވަނީ އަލަބާ އެކަންޏެވެ. އަދި ނިމިދިޔަ ދެ ޓްރާންސްފާ ވިންޑޯގައިވެސް ރެއާލުން ކުޅުންތެރިޔަކު ގެނެސްފައެއްނުވެއެވެ.
ރެއާާލުން އަންނަނީ ދުނިޔޭގެ އެންމެ މާކެޓް ވެލިއު މަތީ ކުޅުންތެރިޔާ ކަމުގައިވާ ފްރާންސްގެ ކީލިއަން އެމްބައްޕޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ރެއާލުން އިތުރު ކުޅުންތެރިޔަކު ގެނައުމުގެ މަސައްކަތް ނުކުރާ ސަބަބަކީ ވެސް އެމްބައްޕޭގެ ސޮއި ހޯދުމަށް މަސައްކަތް ކުރާތީ ކަމުގައިވެސް ބޭރުގެ ގިނަ މީޑިއާތަކުން އަންނަނީ ރިޕޯޓު ކުރަމުންނެވެ.