ޚަބަރު

ޓެކްސް މާފު ކުރުމުގެ ހުރިހާ ބާރެއް ރައީސަށް

ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ގާނޫނަށް ގެނައި އިސްލާހުތަކުގައި ވަނީ، ރާއްޖޭގައި ވަގުތީ ގޮތުން ވަޒަންވެރި ވެފައިވާ މީހުންގެ ތެރެއިން، ރާއްޖެ އިން އާމްދަނީ ލިބޭ ކޮންމެ މީހެއް މި ގާނޫނު ހިނގާ މީހުންގެ ތެރެއަށް އިތުރުކޮށްފަ އެވެ. މީގެ އިތުރުން ޓެސްކް ދެއްކުމުގައި ދެވޭ ހާއްސަ އިސްތިސްނާތަކުގެ ތަފްސީލު މި ބިލަށް ގެނައި އިސްލާހުގައި ވެ އެވެ. އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ގިނަ އިސްލާޙުތަށް މި ބިލާއެކު ވަނީ ގެނެސްފައެވެ.

ގާނޫނަށް ގެނައި ބަދަލާއެކު، ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުގެ މަޝްރޫއުތަކުގެ ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސަށް ލިބެ އެވެ.

ބޭރުގެ ކޮންޓްރެކްޓަރުން ކޮންމެ މަހަކު ސަރުކާރަށް ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް ވެސް ގާނޫނުގައި މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް ސޯލިހު ތަސްދީގު ކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

(ގާނޫނު ނަންބަރު 25/2019) އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ސޯލިހު މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން، މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި، މިއަދުން ފެށިގެން މި ގާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ބިލުގެ އިތުރުން އެހެން ދެ ބިލެއްވެސް ރައީސް ސޯލިހު ވަނީ މިއަދު ތަސްދީގު ކުރައްވާފައެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރާއްޖޭގެ ތަފާސްހިސާބުގެ ބިލެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button