އަރަފާތު ދުވަސް: އެންމެ ގިނަ މީހުން ނަރަކައިން މުއްތި ކުރެވޭނެ ދުވަސް
ހައްޖު މަހުގެ ނުވަނަ ދުވަސް ނުވަތަ ހައްޖު ދުވަހަކީ ދުނިޔެ ދެކޭނެ އެންމެ މާތް ދުވަހެވެ. މިއީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، އަރަފާތުގައި ހުރުމުގެ އަޅުކަން އަދާ ކުރެވޭ ދުވަހެވެ.
މިއަދުގެ މެންދުރު ފަހުގެ ވަގުތަކީ، ﷲ ސުބުހާނަހޫ ވަތައާލާ ދުނިޔޭ އުޑަށް ފައިބާ ވޮޑިގެން، އަރަފާތު ބިމުގައިވާ އަޅުތަކުންނާމެދު ފަހުރުވެވޮޑިގެންވާ ދުވަހެވެ. މިއަދު އަރަފާތުގެ ބިމަށް ޖަމާވެފައިތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވައި ދެއްވާނެ ކަމަށާއި އެއީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވައި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަސް ކަމުގައިވެސް ވެސް ވެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ޢަރަފާތް ދުވަހަށްވުރެ، ގިނައިން ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ“
މިއަދަކީ މާތްﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން، އެކަލާނގެ އިލާހުވަންތަ ކަމަށް އަހުދު ކަށަވަރު ހިއްޕެވި ދުވަހެވެ. އަދި އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަސްވެސްމެއެވެ. މާތް ﷲ އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތް ބާވާއްލެއްވި ހައްޖު ދުވަހު މާތް ރަސޫލާ ހުތުބާ ދެއްވި ފަހުންނެވެ. އެ އާޔަތުގެ މާނާގައިވެއެވެ. ”މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައި މީހުންގެ ދީން ފުރިހަމަ ކުރައްވައިފީމު އެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިއުމަތްތައް ފުރިހަމަ ކުރައްވައި އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީން ކަމުގައި ރުހިވޮޑިގެންފީމު އެވެ.“
މާތްﷲގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އެ ދުވަހުގެ ސަވާބުން މަހުރޫމެއް ނުވާނެއެވެ. ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެންވެއެވެ. އަދި މާތްﷲ ހަނދުމަކޮށް، ދުއާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އަރަފާތް ދުވަހުގެ ރޯދައަށް ހާއްސަ ދަރުމަޔާއި ސަވާބެއް ވެއެވެ. އަރަފާތް ދުވަހު ރޯދަ ހިފުމާގުޅޭ ގޮތުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. ”އެދުވަހު ރޯދަ ހިފުމަކީ، ފާތިވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސެވޭނޭ ކަމެކެވެ.“
އަރަފާތު ދުވަހުގެ ސަވާބާއި ނަސީބު ހޯދުމަށް ގަދަ އަޅައި މަސައްކަތްކުރާ ބަޔަކު ކަމުގައި އަޅަމެން އެންމެން ލައްވާށިއެވެ.