ޚަބަރު

އާންމު ބިޑަކަށް ނުގޮސް ފުލުހުންގެ 48 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫއެއް އިންޑިއާ ކުންފުންޏަކަށް!

އާންމު ބިޑަކަށް ހުޅުވާލުމަކާނުލާ ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއެކު 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މިއެއްބަސްވުމުގެ ދަށުން 61 ޕޮލިސް ސްޓޭޝަނަކާއި ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުމުގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

މިޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ދެއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ ޚިދުމަތް ލާމަރުކަޒީވެ، ފުލުހުންގެ މަރުކަޒުގައި ހުންނަންޖެހޭ އަސާސީ ކަންތައްތަް ފުރިހަމަ ވެގެން ދާނެކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްޓަކާ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ މިޕްރޮޖެކްޓަކީ ފުލުހުންގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައެވެ.

”ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ދަށުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، އިންސާނީ ވަސީލަތާއި ޤާނޫނާއި ޤަވާއިދުތަކާއި ފުލުހުން ޒިންމާދާރު ކުރުވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެވާ އުމްރާނީ ވަސީލަތަކީ ކޮންމެހެން ބެނުންތެރި ކަމެއް.“ ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ މިބޮޑު ޕްރޮޖެކްޓް ބިޑަށް ހުޅުވާލުމަކާ ނުލާ އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރުން ބައެއް ފަރާތްތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިޕްރޮޖެކްޓްގެ އިތުރުންވެސް މިސަރުކާރުގެ ގިނަ މަޝްރޫއުތަކެއް އިންޑިއާ ކުންފުނިތަކާ ދަނީ ހަވާލުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button