
2023-24 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ދިވެހި ފުޓުބޯޅަ ކުރިޔަށް ގެންދާނޭ އައު ފޯމެޓް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާން ކޮށްފިއެވެ.
އިއްޔެ ޢިއުލާންކުރި އައު ފޯމެޓްގައި މުޅި ރާއްޖެ ވަނީ ހަތަރު ޒޯނަކަށް ބަހާލައިފައެވެ. މީގެން ކޮންމެ ޒޯނެއްގައިވެސް ވަކިވަކި ލީގުތަކެއް ކުރިޔަށް ދާނޭ ކަމަށް އެފްއޭއެމްއިން ބުނެފައި ވެއެވެ. އަދި ކޮންމެ ޒޯނެއްވެސް 3 ޑިވިޝަނަކަށް ބަހާލައި، 1 ވަނަ ޑިވިޝަން، 2 ވަނަ ޑިވިޝަން އަދި ޑިވިޝަނުގެ ލީގެއް ކުޅޭނެއެވެ.
މިފޯމެޓަށް ކުޅެން ފެށުމުގެ ގޮތުން ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ އޯޕަން ޑިވިޝަނެެކެވެ. މިގޮތުން ކޮންމެ ޒޯނަކުންވެސް އެޒޯނެއްގައި ރަޖިސްޓަރ ވެފައިވާ ޓީމުތައް މިޑިވިޝަނުގައި ކުޅުމަށްފަހު، އޭގެން 31 ޓީމެއް 3 ވަނަ ޑިވިޝަނަށް ޕްރޮމޯޓްކުރަން ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ތެރެއިން 18 ޓީމެއް ދެވަނަ ޑިވިޝަނަށް ގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، ކޮންމެ ޒޯނަކުންވެސް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ 8 ޓީމަށެވެ. އަދި މި 8 ޓީމުގެ މެދުގައި ކޮންމެ ޒޯނެއްގައިވެސް އެއް ބުރު ކުޅުމަށްފަހު، އެންމެ މޮޅު ޓީމަކަށް، ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނެއެވެ. އަދި ކޮލިފައިން ބުރުތައް ނިމުމަށް ފަހު، ޕްރިމިއާ ލީގުގައި ވާދަކުރާނީ 12 ޓީމެކެވެ.
ޒޯންތައް:
- ޒޯން އެކެއް: ހއ، ހދ، ށ، ނ، ރ
- ޒޯން ދޭއް: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ
- ޒޯން ތިނެއް: ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ
- ޒޯން ހަތަރެއް: ވިލިމާލެ، މާލެ، ހުޅުމާލެ
މީގެ ކުރިން މިފަދައިން ޑިވިޝަންތައް ބަހާލައިގެން ކުޅެނީ ހަމައެކެނި މާލެ ސަރަހައްދުގައެވެ. ދިވެހި ފުޓުބޯޅައިގެ ފޯމެޓަށް މިއައި ބަދަލާއިއެކު، ފުޓުބޯޅަ މުޅި ރާއްޖެއަށް ފުޅާވެ، މަރުވެފައިވާ ފުޓުބޯޅައިގެ ފޯރި ގަދަވެގެންދާނެ ކަމުގެ އުއްމީދުވަނީ އައުވެފައެވެ.