ޚަބަރުސިޔާސީ

އައްޑޫ ސިޓީގައި 500 ސްމާޓު ހައުސްއާއި، 6 އެއާޕޯޓް ތަރައްޤީ ކުރަނީ!

އައްޑޫ ސިޓީގައި 500 އަށްވުރެ ގިނަ ސްމާޓު ހައުސް އެޅުމަށާއި، 6 އެއާޕޯޓެއް ތަރައްޤީކުރުމަށް ޔުނައިޓެޑް ޢަރަބިކް އެމިރޭޓްސްއަށް ނިސްބަތްވާ ކުންފުންޏަކުން ސަރުކާރަށް ޕްރޮޕޯޒަލްތަކެއް ހުށަހަޅާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޔޫއޭއީގެ ފުރަތަމަ ޚާރިޖީވަޒީރު އަޙްމަދު ބިން ޚަލީފާ އައްސުވައިދީގެ އާއިލީ ވިޔަފާރިއެއް ކަމަށްވާ ޔުނައިޓެޑް ސްޓާސް ގުރޫޕުގެ ސީއީއޯ ނިޕުނާ ވަހަލަތަންތަރިގެ ވިދާޅުވީ އޭނާގެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏަކުން ރާއްޖޭގައި 6 އެއާޕޯޓް ތަރައްޤީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ޕްރޮޕޯޒަލެއް ހުށަހަޅައި އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

 

އޭގެ އިތުރުން ރާއްޖޭގައި ޑްރޯން ބޭނުން ކުރުމަށް ޓަކައި ބޭނުންވާ ޔޫޓީއެމް ނުވަތަ ޔުނިވާސަލް ޓްރާންސްވާސް މާކޭޓާ ކޯޑިނޭޓް ސިސްޓަމް ރާއްޖޭގައި ޤާއިމުކުރުމުގެ މަޝްވަރާތައް ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި ޓުއަރިޒަމް މިނިސްޓްރީއާއެކު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

އަދި އެޗްޑީއެފްސީ މެދުވެރިކޮށް އައްޑޫގައި ހައުސިން މަޝްރޫޢެއް ހިންގުމަށް ބޭނުންވާ ފަންޑިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ވާހަކަ ދައްކަވަމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަހަލަތަންތަރިގެ ވިދާޅުވި ގޮތުގައި އައްޑޫގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތައް އެޅުމަށް ބޭނުންވާ ފައިސާ އޭނާގެ ކުންފުނިން ގެނެސްދެނީ ސަރުކާރަށް ބުރަ އެންމެ ކުޑަވާނެ ގޮތެއް ބަލައިގެން ކަމަށެވެ. އެގޮތުން އެ ފައިސާ ހަމަޖައްސަނީ އޭގެ ބަދަލުގައި ސަރުކާރުން ކޮލަޓެރަލްއެއް ދޭން ނުޖެހޭނެ ގޮތަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫޢަށް އެ ކުންފުނިން ފޯރުކޮށްދޭ ފައިސާ އަނބުރާ ދެއްކުން 20 އަހަރަށް ދަންމައިލެވޭނެ ކަމުގައި ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ 504 ސްމާޓު ހައުސް ބިނާކުރުމަށް ޓަކައި 100 މިލިއަން ޑޮލަރު ފޯރުކޮށް ދިނުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް ވަރަށް ގިނަ ހުށަހެޅުންތައް އިންވެސްޓުކުރުމަށް ހުށަހެޅި ނަމަވެސް އެއިރުގެ ސަރުކާރުން އެ ކުންފުނިން ހުށަހެޅި އެއްވެސް ހުށަހެޅުމަކާމެދު ޝައުޤުވެރިކަމެއް ފާޅުކޮށްފައިނުވާ ކަމަށާއި، އައު ސަރުކާރުން އެކަންކަމާމެދު މަޝްވަރާ ކުރަމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން ވަރަށް ބޮޑަށް އިސްނަގައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button