ޓީޗަރުން ބަދަލު ކުރީ ޖިންސީ ފުރައްސާރައިގެ މައްސަލަ ޖައްސައިގެނެއް ނޫން: އެޑިއުކޭޝަން
އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ ސްކޫލުތަކަށް ބަދަލު ކުރުމަށް ނިންމީ ޖިންސީ ފުރައްސާރައިގެ މައްސަލަ ޖައްސައިގެން ނޫން ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ޓީޗަރުން މާލޭގެ ސްކޫލުތަކަށް ބަދަލުކުރިކަން އިއްޔެ އަންގާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވާގޮތުން މި ޓީޗަރުން މާލޭގެ އެހެން ސްކޫލުތަކަށް ބަދަލުކުރަން ނިންމާފައިވަނި މިއަރުގެ ކުރީކޮޅު އިއްޒުއްދީން ސްކޫލުގެ 4 ލީޑިން ޓީޗަރަކު އެއްފަރާއި އިސްތިއުފާ ދިނުމުގެ ސަބަބުން ސްކޫލުގައި އުފެދުނު ނުތަނަވަސްކަން ހައްލު ކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ރިވިއުއަށް ރިއާޔަތްކޮށެވެ.
މި ރިވިއުއިން ސްކޫލު ހިންގުމާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާތީ އެކަން ހައްލު ކުރުމަށް ބައެއް މަގާމުތަށް ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ބަދަލުކުރާނެކަން ވެސް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީއަށް ހުށައަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ ސީރިއަސް ކަމާއިއެކު ބަލާ ފިޔަވަޅު އަޅާނެ ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.