ޚަބަރުސިޔާސީ

މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ފަށާނަން: ރައީސް

މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އެތާނގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، މާލީ އެއްވެސް ތަކުލީފެއް، ނުޖައްސައި އެ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ރޭ ކުރިއަށްދިޔަ ”ކަންގަތި އެވޯޑް 2023“ ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާ ދިޔުމަކީ، އެމަނިކުފާނު ވަރަށް ކަންބޮޑުވާ މައްސަލައެއްކަމުގައެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި، ފަސޭހަތަކަކާއެކު، އެ އިމާރާތްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ސަރުކާރުން، ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ”މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސްއަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން“.

މި ޙަފުލާގައި މި ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ތަފްޞީލީގޮތެއްގައި ވިދާޅުވެދެއްވިއެވެ. އެގޮތުން ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button