ޚަބަރުސިޔާސީ

އިންތިހާބުކުރަންވާނީ ސަރުކާރުގެ މަޝްރޫއުތަކަށް އެހީތެރި ވެދޭނެ ބަޔަކު: ރައީސް

ރައްޔިތުންގެ މަޖިލިސް 2024ގެ އިންތިހާބުގައި، އިންތިހާބު ކުރަން ވާނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އެހީތެރިވެދޭނެ ބަޔަކު ކަމަށާއި އެއީ ގައުމީ އަދި ރަށު ފެންވަރުގައި ވެސް ކުރުން މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަޒުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދެވުން ކަމަށާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަނީ ވެސް އެގޮތަށް ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނެތި، ބާރު ސްޕީޑްގައި ކުރިއަށް ދިއުން ކަމަށާއި އެކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

 

”އެއީ ރާއްޖޭގެ ދުސްތޫރީ ނިޒާމު، ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން. ސަރުކާރުން ކިތަންމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުން ވިޔަސް، ގާނޫނެއް ހަދަން ވިޔަސް، ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނެ. އަދި ބަދަލުތައް ވެސް ގެނެވޭނެ. ހުރަސްތައް ކުރިމަތި ކުރެވޭނެ. މީގެކުރިން ވެސް އެކަން ހިނގާފައި އެބަހުރި،“ ސަރުކާރަށް ރައްޔިތުންގެ މަޖިލިސް މުހިންމުވާ ސަބަބު ބަޔާންކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މަޖިލީހަށް ހޮވާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގުގައި ކުރަން ހުރި މަސައްކަތްތަކަށް އެހީތެރިކަންދޭ، މަގުފަހިކޮށްދޭ، ފަރާތްތަކަށް ހެދުމަކީ ގައުމީ އަދި ތަރައްގީގެ ވިސްނުމެއްގަޔާއި، ރަށު ފެންވަރުގެ ވިސްނުމެއްގައި ވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button