ޚަބަރު

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް: ކެޕްޓަން އަމީން

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ވައުދެއް ކަމުގައި އެމްއޭސީއެލްގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ފިއުލްސަރޗާޖު އަގު ބޮޑުވުމުގެ ސަބަބުން މޯލްޑިވިއަން އިން ޓިކެޓް އަގު ބޮޑުކުރުމާ ގުޅިގެން ކެޕްޓަން އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮމެސްޓިކް ފެއަރ ކުޑަ ކުރުމަކީ ރައްޔިތުންނަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެއް ވައުދު ކަމުގައެވެ.

”ފްލައިޓެއްގެ 2 ޕަސެންޓު ސީޓުގެ ޓިކެޓު އަގު ކުޑަ ކޮށްފަ ޕަބްލިކަށް ދެއްކުމަކީ ބޮޑު އޮޅުވާލުމެއް.“ ކެޕްޓަން އަމީން ވިދާޅުވިއެވެ.

އަމީން ފާހަގަކުރެއްވިގޮތުގައި ޖުމްލަކޮށް މިހާރު ފްލައިޓެއްގެ 98 އިން ސައްތަ ސީޓުގެ ޓިކެޓް ލިބެނީ 2018 ވަނަ އަހަރުގެ އަގުތަކަށްވުރެ ބޮޑުކޮށެވެ.

ގައުމީ އެއާލައިން ކަމުގައިވާ އައިލެންޑް އޭވިއޭޝަން ދަރަނިވެރިވީ ރައީސް ސޯލިހުގެ އާއިލީ މީހުނާ ކުންފުނި ހަވާލު ކުރުމުން ކަމަށް ކެޕްޓަން އަމީން ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ކެޕްޓަން އަމީން ކުރެއްވި ޓުވީޓެއްގައި އޭރު ވިދާޅުވީ 2018 ވަނަ އަހަރާ ހަމައަށް އެ ކުންފުނި ކުރިއަރައި ދިޔަކަމުގައެވެ. އެކަން އޮޑިޓް ރިޕޯޓް ތަކުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން ހެއްދެވި ޓްރާންސިޝަން ކޮމެޓީއަށް އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަނަކީ މިހާރު ގެއްލުމުގައި ހިންގާ ކުންފުންޏެކެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button