ޚަބަރުސިޔާސީ

ބޭރުގެ ދަރަނިތައް ބޮޑުވުމަކީ ޖީޑީޕީ ކުރިއެރުމަށް އޮތް ބިރެއް: ވޯލްޑް ބޭންކް

ދަރަނިތައް ބޮޑުވުމަކީ ޖީޑީޕީފެ ކުރިއެރުމަށް އޮތް ބިރެއް ކަމުގައި ވޯލްޑް ބޭންކުން ބުނެފިއެވެ.

ރާއްޖޭގެ ޖީޑީޕީ ކުރިއަތް އޮތްތަނުގައި ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެއެވެ. އެގޮތުން މި އަހަރު ނިމޭއިރުގައި 12.4 އިންސައްތަ އަދި މިއަންނަ އަހަރުގައި 8.2 އިންސައްތައިގެ ކުރިއެރުމެއް ރާއްޖޭގެ ޖީޑީޕީ އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުރާސްފަތި ދުވަހު ނެރިފައިވާ ސައުތު އޭޝިއަން އިކޮނޮމިކް ފޯކަސް (ސެއިފް) ރިޕޯޓުގައިވެއެވެ.

މިއީ ކޮވިޑަށް ފަހުގައި ރާއްޖޭގެ ޓުއަރިޒަމް ދާއިރާ އިތުރަށް ފުޅާވުމުން އިގްތިސާދަށްް އަންނާނެ ކުރިއެރުމެއް ކަމުގައި އެ ބޭންކުން ބުނެއެވެ. އެ ރިޕޯޓުގައި ވާގޮތުން، ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރިޔަސް ބޭރުގެ ދަރަނި ބޮޑުވުމާއި، ބޮޑެތި މާލީ އަދި ކަރަންޓް އެކައުންޓް ޑެފިސިޓްތަކަކީ އެ ލަފަޔަށް އޮތް ބިރެކެވެ.

ރާއްޖޭގެ ދަރަނި މިހާރުވެސް ހުރީ 100 ބިލިއަން ރުފިޔާއަށް ވުރެއް މަތީގައި ކަމާއި، އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 110 ޕަސެންޓް ކަން ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުގައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ އެގްޒިމް ބޭންކުން އިތުރު 100 މިލިއަން ޑޮލަރުގެ ދަރަންޏެއް ނެގުމުގެ އެއްބަސްވުމުގައި މި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ވެރިކަން ފެށުމާއިއެކު، 800 މިލިއަން ޑޮލަރުގެ ދަރަންޏެއް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ނަގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button