މާފަންނު ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވައިފި

މާލޭ ސިޓީ ކައުންސިލުން މ.ބޮޑުގޭގައި ތަރައްގީކުރި ޕާކިން ޒޯން މިއަދު ހަވީރު އާންމުންނަށް ހުޅުވާލައިފިއެވެ. ޕާކިން ޒޯން ހުޅުވުމަށްޓަކާ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އެތަން ހުޅުވައިދެއްވީ މާލޭ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުޢިއްޒުއެވެ.
ބޮޑުގޭ ޕާކިން ޒޯނަކީ ސައިކަލް ޕާކު ކުރުމަށް ޚާއްސަކޮށް ހެދިފައިވާ ޒޯނެކެވެ. މިޒޯނަށް ވަދެވެން ހުންނަނީ ހަނދުވަރީ ހިނގުމުންނެވެ. މިޒޯނުގައި 175 ސައިކަލު ޕާކުކުރެވޭވަރުގެ ޖާގަހުރިއިރު، މިޒޯން ހުޅުވާލުމުން، ދަކަނދާ ގޯޅީގައި ހުރި ސައިކަލްތައް މިތަނަށް ބަދަލުކޮށް، އެތަނަކީ ޕާކްނުކުރެވޭ މަގެއް ގޮތުގައި ހަމަޖެއްސުމަށް ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މާލޭގެ ޕާކިންގް މައްސަލައަށް ހައްލެއް ގެނެސް މަގުތަކުގައި ހިނގާބިނގާވާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ މަގުތަކެއް ޤާއިމްކުރުމަށެވެ. އެގޮތުން މިހާރުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިންގ ޒޯންތައް ހެދުމަށް ވަނީ ނިންމާފައެވެ. އަދި މިހާރުވެސް އަގު ދީގެން ޕާކްކުރުމުގެ 211 ޖާގައަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.
މި ޕާކިން ޒޯނަކީ ޒުވާނުންގެ ހުނަރު ފެންނާނެހެން ތަނުގެ ފާރުތަކުގައި ކުރަހާ ޒީނަތްތެރި ކުރެވިފައިވާ ޕާކިން ޒޯނެކެވެ.