ޚަބަރުސިޔާސީ

ނާޒިމް ޕާޓީ އެއް އުފައްދަވަނީ ރައީސް ސޯލިހުގެ އިރުޝާދާއެކު: ޝިޔާމް

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

”ޗެނަލް13“ ގެ ނުހައްގުން ޖަލުގައި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކާނަލް ނާޒިމް ޕާޓީ އުފައްދަވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ނުކުންނަވަން ބޭނުންވާތީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

”ރައީސް ސޯލިހް ބުނެގެން ޕާޓީއެއް އުފައްދަން ނިކުމެ އުޅޭ މީހުން މި ބުނަނީ ރައީސް ޔާމީން ވިދާޅުވެގެންނޭ ތިމަންނަމެން ޕާޓީއެއް ހަދަން މިއުޅެނީ. ރައީސް ޔާމީންއަށްޓަކައި އޭ ޕާޓީއެއް މި އުފައްދަނީ. އަޅުގަނޑުމެންނަށް އަޑު އިވެނީ މިފަދަ ވާހަކަތަކެއް. މިކަހަލަ ޖޯކު ވާހަކަތައް ރައްޔިތުންނާ ހަމައަށް ހިފައިގެން އައިސް ރައްޔިތުންގެ އިނގިލީގެ ނިޝާނާއި ސޮޔާ ހޯދަން އުޅުއްވާ ކަމަށް މައުލޫމާތު ލިބެނީ“ ޝިޔާމް ވިދާޅުވިއެވެ.

ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒަކީ ރައީސް ސޯލިހްގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމުގައި ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ސަރުކާރާއެކު ބައެއް ވިޔަފާރިތައްވެސް އެ މެމްބަރުން ކުރައްވަމުންދާ ކަމަށް ޝިޔާމް ވިދާޅުވެއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މިއީ އެމްޑީޕީީގެ ޕްރައިމަރީ ޓިކެޓު ނުލިބެއްޖެ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި ރައީސް ސޯލިހް އުފައްދަވާ ޕާޓީއެއްކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button