ޚަބަރު

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ މީހުން ފުރާއިރު ޓެކްސް ދައްކާކަށް ނުޖެހޭ

ދިވެހިރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމުގެ ގާނޫނާއި އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އިވާލުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.

ރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2016/29) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަކީ 2021 ޖުލައި މަހުގެ 5 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޕާޗާ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

މި ގާނޫނުގެ ދަށުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

އިއްޔެ ރައީސް ސޯލިހު ތަސްދީގު ކުރެއްވި ދެވަނަ ބިލަކީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލެވެ.

މި ބިލަކީ މި ހިނގާ ޖުލައި މަހުގެ 5 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ސޯލިހު ބިލު ތަސްދީގު ކުރެއްވުމަށްފަހު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button