ޚަބަރު

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ނެރުނު ރިޕޯޓު ރައީސަށް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މި ރިޕޯޓް ރައީސް ސޯލިހަށް އެރުވީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ރައީސް އޮފީހުގައި މިކަމަށްޓަކައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސް ސޯލިހު ވަނީ މި ރިޕޯޓް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލައްވާ ހުށައެޅުއްވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ.

މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ރައީސް ސޯލިހް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ކޮމިޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ސޯލިހުވަނީ މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒާ ފާތިމަތު ނިޔުޝާ އަދި ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ، ލީގަލް އެފެއާޒް، އަހްމަދު ނާޒިމް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button