ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ހަމީދު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަނުކުރަން 60 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ސަލީމް އައްޔަނުކުރަން 61 މެންބަރުން ވޯޓުދެއްވިއެވެ. އެ ދެ މަގާމަށް ފަނޑިޔާރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުއްވީ މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިންނެވެ. އަދި އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ފާސްކުރީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. ސަލީމްއަކީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ 2022 އޮގަސްޓް 9 ދުވަހުއެވެ.
ހަމީދު ވަނީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުން ފެށިގެން، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ. އެގޮތަށް އޭނާ މަގާމުން ވަކިކުރަން ނިންމީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވިއިރު، ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ. މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު ވަނީ ލަފާ އަރުވާފައެވެ.
މި ދެ މަގާމު ސުޕްރީމް ކޯޓުން ހުސްވެފައިވަނީ އެކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި، ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ހުސައިން ޝަހީދު، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިން، އަދި އާއިޝާ ޝުޖޫން މުހައްމަދެވެ. ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ ދާދިފަހުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ އިސްތިއުފާ ދެއްވީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވުމަށްފަހުގައެވެ.