ޓެރިފް ކުޑަކުރަން ރައީސް ނިންމެވުން ފަހުމީ ފާހަގަކުރެއްވީ، ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރު

ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައި މުހިންމު މެސެޖެއް ދެއްވައިފިއެވެ.
ފަހުމީ ވިދާޅުވީ ރައްޔިތުންގެ އިޙްސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެންމަންދާ ކަމުގައެވެ. ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރަމީ، ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއްކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ މިހާރު ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިވަނީ އެކަން ކުރައްވައި، ރަސްމީކޮށް އިއުލާންވެސް ކުރައްވާފައިވާ ކަމުގައެވެ.
ފަހުމީ ފާހަގަކުރެއްވިގޮތުގައި ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނައުމަކީ ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި ނިންމެވި މުހިންމު ކަމެކެވެ.
”ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިޢުލާންކުރެއްވި ކަމަށްޓަކައި، ރައީސަށް މަރުޙަބާ އާއި ޝުކުރު ދަންނަވަން.“ ފަހުމީ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ޓެރިފް ރޭޓުތަކަށް ބަދަލު ގެންނެވީ ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި އާންމުންގެ ހިތް ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ސެޓެލްކޯއިން އަންނަނީ ކަރަންޓު އިގްތިސާދު ކުރުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރަމުންނެވެ.