މޯލްޑިވްސް އެކްސްޕޯގެ އެސްއޯއީ ކެޓަގަރީން ސެޓެލްކޯ އެއްވަނައަށް!

މޯލްޑިވްސް އެކްސްޕޯ 2025 ގައި ބައިވެރިވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އިން ފަހުރުވެރި އެއްވަނަ ހާސިލްކޮށްފިއެވެ.
މި އެކްސްޕޯއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިނާމް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއާއި ހަވާލުކުރައްވާފައެވެ.
”މި ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ. މި ކާމިޔާބީގައި ހުރިހާ މުވައްޒަފުންގެ ދައުރެއްވޭ.“ ސްޓެލްކޯއިން ވިދާޅުވިއެވެ.
އެކްސްޕޯގައި ސްޓެލްކޯއިން ދައްކާލީ އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ ’ރީޖަނަލް ސްކާޑާ‘ ނިޒާމެވެ. އެއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ސިސްޓަމެވެ. އެ ސިސްޓަމްގެ ސަބަބުން ކަރަންޓު ދިނުމުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވި، އެ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެންދާނެއެވެ.
ސްޓެލްކޯއަކީ ކަމާގުޅޭ ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ފަންނީ ބޭފުޅުން ގިނަ ކުންފުންޏެކެވެ.