ބަޔާން ދޭން ޔުމްނު ދެކޮޅު ހަދާތީ މެލޭޝިޔާ ފުލުހުންގެ އެހީއަށް އެދިއްޖެ!

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެނދުނު ހ.މިޓާޒްގޭ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ފުލުހުންނަށް ބަޔާންދޭން ދެކޮޅުހަދާތީ މެލޭޝިޔާ ފުލުހުންގެ ކިބައިން އެހީތެރިކަމަށް ދިވެހި ފުލުހުން އެދިއްޖެއެވެ.
ޔުމްނު އަށް ލިބިފައިވާ އެތަކެއް ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައިވާއިރު، މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އަނިޔާ ލިބުނު ޔުމްނުގެ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭކަމުގައެވެ. އަދި ޔުމްނު އަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުވިއިރު، އަންގާވެސް ނުލާކަމުގައެވެ.
ފުލުހުން ވިދާޅުވީ ޔުމްނު މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު އެގައުމުގައި ހަރަކާތްތެރިވާނެ ކަމަށާއި އެކަކީ މެޑިކަލް ޑޮކްޓަރެއް ކަމުގައެވެ.
ޔުމްނު އާއި ހަވާލާދީ އޭނާގެ އާއިލާއިން ކުރިން ބުނިގޮތުގައި އޭނާ ފުންމާލީއެއް ނޫނެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހޫނުވީ އެ މައްސަލައިގެ ކުރީކޮޅުގެ ތަހުގީގު ދޯދިޔާކޮށް ހިނގުމުންނެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ބޮޑެތި ޕްރެޝަރތައް ކުރިމަތިވެ، ޒުވާނުން ސިލްސިލާކޮށް މާލޭގައި މުޒާހަރާ ކުރަން ފެށީ އެވެ. އެ ހޫނުގަނޑުގައި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާވެސް ދެެއްވިއެވެ.
މި ހާދިސާ ހިނގިއިރު ޔުމްނު އާއި ރައުދު ތިބީ މަސްތުގެ ހާލަތުގައެވެ. ޔުމްނު ވެއްޓުމުގައި ރައުދުގެ ސީދާ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ހޯދިފައިނެތް ނަމަވެސް އެދެމީހުން އެރޭ ފުރަތަމަ ޕާޓީކުރީ 8 މީހުންގެ ގްރޫޕެއްގެ މެދުގައި، މއ.މާންދޫގޭދެކުނުގޭގައެވެ. އެމީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމުތަކުގެ ބަޔަކު ތިއްބެވެ. އެމީހުންނަށް މިހާރުވަނީ ފިޔަވަޅުއަޅާފައެވެ. އަދި އެ އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ރައުދުގެ އިތުރުން މި މައްސަލަައިގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރެއް ނުކުރެއެވެ.