ޚަބަރު

އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ރައުދު އަނބުރާ ހައްޔަރަށް!

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެނދުނު ހ.މިޓާޒްގޭ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް މިއަދު ބަންދުން ދޫކޮށްލުމަށްފަހު ދެވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބިފައި ނެތްނަމަވެސް ”ބޮންތި“ އަށް އެނގިފައިވާގޮތުގައި ރައުދު ބަންދުން ދޫކޮށްލުމަށްފަހު ދެވަނަ ފަހަރަށް ހައްޔަރު ކުރީ، އިޖުރާއަތްތަކާ ހިލާފަށް ރިމާންޑު އަޑުއެހުމެއްގައި އޭނާގެ ބަންދުގެ މުއްދަތު ފުލުހުންގެ އެދުމަށް ދަށު ކޯޓުން އިތުރުކޮށްދިނުމުންނެވެ. އަދި އޭނާގެ ފަރާތުން އެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ޔުމްނުގެ މައްސަލައިގައި ދެން ރައުދު ބަންދުގައި ނުބެހެއްޓިދާނެކަމުގެ ”ގޮތެއް“ ހައިކޯޓު އަޑުއެހުމުގައި ވެދާނެކަމުގެ ފުރުސަތު އޮތުމުންނެވެ. އަދި ބަންދުން ދޫކޮށްލުމަށްފަހު ފަހުން ހައްޔަރު ކުރުމަށެވެ. އެކަމަކު މިކަން ކަށަވަރު ކުރުމަށް ފުލުހުންނާ ސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ.

މިއަދު ރައުދު ހައްޔަރު ކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކޯޓު އަމުރެއްގެ ދަށުން ކަމަށްވާއިރު، އޭނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބޭކަމަށް ކުރިން ފުލުހުން ވިދާޅުވިއެވެ.

ހާދިސާ ހިނގިތާ 6 ދުވަސް ފަހުން 24 އޭޕްރީލްގައި ރައުދު ހައްޔަރު ކުރީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ކަމަށް ވިޔަސް ޔުމްނު ވެއްޓުނު ދުވަހު ރައުދު ހައްޔަރު ކުރަން ކޯޓުން ނެރުނު އަމުރު ފުލުހުން ތަންފީޒެއް ނުކުރެއެވެ.

މިޓާޒްގޭ ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި ފުރަތަމަ ފުލުހުން ބުނީ އޭނާ ވެއްޓުނީ ހ.ފެންޓޯނީގޭ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ފެންލައިޓުން ކަމަށާއި، ޔުމްނު ވެއްޓުމުގައި ރައުދު އާއި، އިތުރު އެއްވެސް ބަޔަކާ ގުޅުމެއް ނެތްކަމާއި، އަދި ޔުމްނު އާއި ރައުދު މަސްތުގެ ޙާލަތުގައި ތިބެ ވަތް ފެންޓޯނީގެ އަކީވެސް އެދެމީހުން ދަންނަ ގެއެއް ނޫންކަމެވެ.

އެކަމަކު މި މައްސަލަ ހޫނުވެ، ރައުދު ހައްޔަރު ކުރި ފަހުން ފުލުހުން ވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމާއި، އޭނާ ވެއްޓުނުކަން ރައުދަށް އެނގޭ ކަން ހިމެނެއެވެ. ވީޑިއޯ ފޫޓޭޖުތަކުން އެނގޭގޮތުގައި ޔުމްނު ވެއްޓުނު ފުރާޅުމައްޗާ ދިމާލަށް ބަލައި، ރައުދު ޔުމްނުއަށް ގޮވައެވެ. އެކަމަކު އޭނާ އިސްވެ ފުލުހުންނަށް ރިޕޯޓެއް ނުކުރެއެވެ. އަދި އެފަހުން ރައުދު ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށް މަސްތުވާތަކެއްޗަށް ޓެސްޓު ކުރިއިރު، ފައްސިވިނަމަވެސް، އޭނާ ގެއަށް ފޮނުވާލީއެވެ.

ޔުމްނު ވެއްޓުނު ރޭ ރައުދު ހިމެނޭގޮތަށް ޖަމާއަތް ހަދައިގެން ޕާޓީ ކުރީ މާލޭގެ މެދެއްހާ ހިސާބު ހުންނަ ގެއެއްގައި ކަމަށާއި، މެންދަމުގެ ވަގުތެއްގައި އެގެެއިން އަމީނީ މަގުގައި ހުންނަ ގެއައަކަށް ގޮސް 15 މިނިޓް ހޭދަކުރުމަށްފަހު ފެންޓޯނީގޭ މައްޗަށް އެ ދެމީހުން ގޮސް ބަދުއަހުލާގީ އަމަލު ހިންގުމަށްފަހު، ޔުމްނު ވެއްޓުނުއިރު، ރައުދު ހުރީ ތިރީ ފްލޯއެއްގައި ކަމަށް ފުލުހުން ބުންޏެވެ. ސީސީޓީވީ ފޫޓޭޖުންވެސް ފެންނަގޮތުގައި ޔުމްނު ވެއްޓުނުއިރު ރައުދު ހުރީ ތިރީ ފްލޯއެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button