ރައުދު ބަންދުން ދޫކޮށްލުމުން އިސްތިއުނާފު މައްސަލަ ބާތިލް!

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެނދުނު ހ.މިޓާޒްގޭ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ.
އެނގިފައިވާގޮތުގައި ރައުދު ބަންދުން ދޫކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެންމެ ފަހުން ރައުދުގެ ބަންދަށް މިމަހުގެ 15 ދުވަހު 20 ދުވަސް އިތުރު ކުރިއެވެ. އަދި އޭނާގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުފާނު ކޮށްފައިވީ ނަމަވެސް، ރައުދު ދޫކޮށްލުމުން، ހައި ކޯޓުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށް އެ މައްސަލަ ވަނީ ބާތިލްކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ”ބޮންތި“ އިން ސުވާލުކުރުމުން ހަބަރު ޝާއިއުކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެކަމަކު ”ބޮންތި“ އަށް މައުލޫމާތު ލިބޭގޮތުގައި ރައުދުގެ ބަންދު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ، އިޖުރާއަތްތަކާ ހިލާފަށް ރިމާންޑު އަޑުއެހުމެއްގައި އޭނާގެ ބަންދު މުއްދަތު އިތުރު ކުރުމުންނެވެ. އަދި ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި އެކަން ހުށަހަޅައިފިނަމަ، ދެން އެމައްސަލައިގައި އިތުރަށް ރައުދު ބަންދުގައި ނުބެހެއްޓޭނަކަމަށް ހައިކޯޓުން ނިންމުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވޭތީއެވެ.
ހާދިސާ ހިނގިތާ 6 ދުވަސް ފަހުން 24 އޭޕްރީލްގައި ރައުދު ހައްޔަރު ކުރީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ކަމަށް ވިޔަސް ޔުމްނު ވެއްޓުނު ދުވަހު ރައުދު ހައްޔަރު ކުރަން ކޯޓުން ނެރުނު އަމުރު ފުލުހުން ތަންފީޒެއް ނުކުރެއެވެ.
މިޓާޒްގޭ ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި ފުރަތަމަ ފުލުހުން ބުނީ އޭނާ ވެއްޓުނީ ހ.ފެންޓޯނީގޭ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ފެންލައިޓުން ކަމަށާއި، ޔުމްނު ވެއްޓުމުގައި ރައުދު އާއި، އިތުރު އެއްވެސް ބަޔަކާ ގުޅުމެއް ނެތްކަމާއި، އަދި ޔުމްނު އާއި ރައުދު މަސްތުގެ ޙާލަތުގައި ތިބެ ވަތް ފެންޓޯނީގެ އަކީވެސް އެދެމީހުން ދަންނަ ގެއެއް ނޫންކަމެވެ.
އެކަމަކު މި މައްސަލަ ހޫނުވެ، ރައުދު ހައްޔަރު ކުރި ފަހުން ފުލުހުން ވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމާއި، އޭނާ ވެއްޓުނުކަން ރައުދަށް އެނގޭ ކަން ހިމެނެއެވެ. ވީޑިއޯ ފޫޓޭޖުތަކުން އެނގޭގޮތުގައި ޔުމްނު ވެއްޓުނު ފުރާޅުމައްޗާ ދިމާލަށް ބަލައި، ރައުދު ޔުމްނުއަށް ގޮވައެވެ. އެކަމަކު އޭނާ އިސްވެ ފުލުހުންނަށް ރިޕޯޓެއް ނުކުރެއެވެ. އަދި އެފަހުން ރައުދު ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށް މަސްތުވާތަކެއްޗަށް ޓެސްޓު ކުރިއިރު، ފައްސިވިނަމަވެސް، އޭނާ ގެއަށް ފޮނުވާލީއެވެ.
ޔުމްނު ވެއްޓުނު ރޭ ރައުދު ހިމެނޭގޮތަށް ޖަމާއަތް ހަދައިގެން ޕާޓީ ކުރީ މާލޭގެ މެދެއްހާ ހިސާބު ހުންނަ ގެއެއްގައި ކަމަށާއި، މެންދަމުގެ ވަގުތެއްގައި އެގެެއިން އަމީނީ މަގުގައި ހުންނަ ގެއައަކަށް ގޮސް 15 މިނިޓް ހޭދަކުރުމަށްފަހު ފެންޓޯނީގޭ މައްޗަށް އެ ދެމީހުން ގޮސް ބަދުއަހުލާގީ އަމަލު ހިންގުމަށްފަހު، ޔުމްނު ވެއްޓުނުއިރު، ރައުދު ހުރީ ތިރީ ފްލޯއެއްގައި ކަމަށް ފުލުހުން ބުންޏެވެ. ސީސީޓީވީ ފޫޓޭޖުންވެސް ފެންނަގޮތުގައި ޔުމްނު ވެއްޓުނުއިރު ރައުދު ހުރީ ތިރީ ފްލޯއެއްގައެވެ.
މި މައްސަލައިގައި ޔުމްނުގެ ވަނަވަރު އާންމުކުރިއިރު ފުރަތަމަ އަދި ދެވަނައަށް އެމީހުން މަސްތުވުމަށް ދިޔަގޭގެ ނަން ސިއްރު ކުރުމުންވެސް އާންމުން ސަރުކާރަށް ފާޑުކިއެވެ. ފުރަަތަމަ ގެެއަކީ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ދިރިއުޅުއްވާ އެބޭފުޅާގެ އަމިއްލަ ގެ އެވެ. އަދި އެރޭ ޔުމްނުއާ އެއްކޮށް އެގޭ ޓެރަހުގައި އުޅުނު މީހުންގެ ތެރޭގައި މިނިސްޓަރު އަމީނަށް ބޮޑުބެ ކިޔާ ބަޔަކު ތިއްބެވެ.