ޚަބަރު

ދައުލަތުގެ ރިކަރަންޓު ހަރަދު ދަށްވެ، އާމްދަނީ އިތުރުވެއްޖެ!

މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދު 20 އިންސައްތަ ދަށްވެ، އާމްދަނީ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުކުރި މިންވަރު ދައްކުވައިދޭ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް“ ރިޕޯޓްގައިވާގޮތުން ނިމުނު ހަފްތާގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 14.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުން ބަލާއިރު އެއީ 5.5 އިންސައްތަ އިތުރުވުމެކެވެ. އާމްދަނީއާއި، ޓެކުހުގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކްސް ފައިސާއެވެ.

ރިޕޯޓްގައިވާގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިއިރު ދައުލަތުގެ ހަރަދުގެ 20.3 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތުން 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ހަރަދުކުރީ، 16.2 ބިލިއަން ރުފިޔާއެވެ. މިމުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކުރިއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް އަދަދެކެވެ. އަދި ހަރަދުގެ ޖުމުލަ އަދަދުގެ ތެރެއިން 59.2 އިންސައްތައަކީ ރިކަރަންޓު ހަރަދުތަކެވެ.

ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންވާ ހަރަދުތައް ކޮށްފައިވަނީ ނިމިގެންދިޔަ އަހަރަށްވުރެ އަޅައިބަލާއިރު، 71.7 އިންސައްތަ ދަށްކޮށެވެ. އެގޮތުން އިދާރާތައް ހިންގުމުގެ ހަރަދުގެ ގޮތުގައި ބުރާސްފަތީގެ ނިޔަލަށް ރެކޯޑުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާއެވެ. އެީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދަށްވުރެ 10 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދަށް ދައުލަތުގެ ޖުމްލަ ހަރަދުގެ 8.5 އިން ސައްތަ ހޭދަވިއިރު، ސަރުކާރުންދޭ އެހީ އަދި ސަބްސިޑީތަކަށްވެސް މިއަހަރުގެ މިހާތަނަށް ކޮށްފައިވަނީ، ނިމިގެންދިޔަ އަހަރަށްވުރެ 4.9 އިންސައްތަ ދަށްކޮށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި، ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއާއި، ހިލޭ އެހީގެ 36.3 އިންސައްތަ، މިދިޔަ ބުރާސްފަތީގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ. އަދި ބަޖެޓުގެ ޖުމްލަ ހަރަދުގެ ގޮތުގައި، މިއަހަރުގެ ތެރޭގައި މިހާތަނަށް ރެކޯޑުކުރެވުނީ 26.3 އިންސައްތައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button