ދަނގެތީ އައު އިންޖީނުގޭގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

އދ. ދަނގެތީގައި އަލަށް ގާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ސްޓްލްކޯއިން މިއަދު މި މަޝްރޫއު ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީނެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 14،870،413 (ސާދަ މިލިއަން އަށްލައްކަ ހަތްދިހަހާސް ހަތަރުސަތޭކަ ތޭރަ ރުދިޔާ) ރުފިޔާއަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަުގައެވެ. މި އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމުގައެވެ.