ޚަބަރުސިޔާސީ

241 ކޮމެޓީ އިން ކަން ކުރަންވީ ގޮތާއިމެދު އެހެން މީހަކު ސުވާލު ކޮށްގެން ނުވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާއިބެހޭ ކޮމެޓީ އިން ކަންކުރަންވީ ގޮތާއިމެދު އެހެން މީހަކަށް ސުވާލު ނުކުރެވޭނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓު، އެމަނިކުފާނަށް އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެންޑީއެފްގެ ވަކި ވަކި ބޭކަލުން 241 ކޮމެޓީއަށް ހާޒިރު ކުރަން ޖެހުމުގެ ސަބަބުން އުފެދުނު ހިޔާލުތަފާތުވުންތަކަށް އިޝާރަތް ކުރައްވާ ނަޝީދު ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.

”ކޮމެޓީއަށް ޖަވާބުދާރީ ވާނީ އަބަދުވެސް ކޮމެޓީ ބޭނުންގޮތަކަށް. އެއީކީ އެހެން މީހަކަށް އެކަމަކާ ސުވާލު ކުރެވެން އޮތްކަމެއް ނޫން. ނަޝީދު ވިދާޅުވިއެވެ.“

ސަލާމަތީ ހިދުމަތް ތަކާބެހޭ ކޮމެޓީއިން ރާއްޖޭގެ ވަކި ފަރުދެއް، ވަކި ރައްޔިތެއް ނުވަތަ ވަކި ވުޒާރާއަކާ ސުވާލު ކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ގާނޫނުގައި އޮތް ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހަރުދަނާކޮށް އަވަސް ފިޔަވަޅު އެޅުއްވުމަށް އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައެވެ.

”ރައީސް ސޯލިހުގެ އަރިހުން އެދެން މައްސަލަ އަވަހަށް ބައްލަވައިދެއްވުމަށް. އެއްވެސް ހާލެއްގައި ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާށޭ. އަޅުގަނޑަށް އެނގޭ ރައީސް ފަހަތަކަށް ޖެހިވަޑައި ނުގަންނަވާނެކަން. އަޅުއްވާން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަވަހަށް އަޅުއްވާށޭ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ރާއްޖެއިން ބޭރުގައި ދުވަސްކޮޅަކު ހުންނަން ޖެހިވަޑައިގަންނަވާނެއެވެ. އެކަމުގެ މައިގަނޑު ދެ ސަބަބެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވުމަށް އިތުރު ފަރުވާ ކުރަން ބޭނުންފުޅުވުމާއި، އެނބުރި ރާއްޖެ ވަަޑައިގަންނަވާ ތަނުން އެމަނިކުފާނު އަވަހާރަ ކޮށްލުމުގެ ރޭވުމެއް އޮވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ބޮން ގޮއްވާ ތަނެއްގެ ގޮތުގައި ދުނިޔެއަށް ފާހަގަވާން ފަށައިފިނަމަ، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެކަމަކު އެމަނިކުފާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފަތުރުވެރިކަން ބޯއިކަޓް ކުރެއްވުމަށް ހިތްވަރު ދެއްވި ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button