ދުންފަތުގެ ޖެނެރޭޝަން ބޭންއާ މެދު ރައީސްގެ ތިން ހުށަހެޅުއްވުމެއް،

އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މީހުން އެކަމުން ދުރުކުރުމަށް ”ޖެނަރޭޝަން ބޭން“ އަކަށް ދިއުމަށް ތިން ހިޔާލެއް ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ސިއްހީ ބޭފުޅުންނާއި ރައްޔިތުންގެ ލަފާގެ މަތިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
”ރައްޔިތުންނާ އެކު“ ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތު ވަބާގައި ޖެހި، އެކަމުން ސަލާމަތްނުވެގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށެވެ.
”ސަރުކާރުން ޒިންމާ އަދާކުރަންޖެހޭ. އެހެން ނޫނިއްޔާ ހަމަ އެހެން ގައުމުތަކުގައި ވެސް ވާހެން ރާއްޖޭގައި ވެސް މި ދަނީ ހަމަ ޒުވާން ކުދިން ސިނގިރޭޓުގެ ތެރެއަށް ގޮސް، ނޫނީ ދުންފަތުގެ އިސްތިއުމާލުގެ ތެރެއަސް ގޮސް އެއިން ސަލާމަތް ނުވެގެން އުޅެންޖެހެނީ،“ ރައީސް ވިދާޅުވި އެވެ.
އެހެންވެ، 18 އަހަރުގައި ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.