ޚަބަރު

ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ލިވަޕޫލް އާއި އެމްއެމްޕީއާރްސީއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ފުރާވަޑައިގެންފި އެވެ.

ލިވަޕޫލް އެފްސީގެ ”އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު“ގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެމްއެމްޕީއާރްސީ އިން އެކަން ހާމަކުރީ މިދިޔަ މާޗް 13 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލްވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަމަސް ދުވަހަށް ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ކެމްޕޭނެއްގެ ފެށުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަމާޒަކީ ރާއްޖޭގައިވެސް ހައި ޕާފޯމަންސް ޓްރެއިނިން ނުވަތަ މަތީ ފަންތީގެ ތަމުރީންތައް ހިންގޭނެ މަގު ތަނަވަސް ކުރުމެވެ. މީގެ އިތުރުން ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކޮށް، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭއާއި ލިވަޕޫލް އެކަޑަމީގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރައްވާނެ އެވެ. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި ރާއްޖެއާއި ލިވަޕޫލްއާ ދެމެދު އޮތް ޕާޓްނަޝިޕް އިތުރަށް ހަރުދަނާކުރުމަށް، ޖޮއިންޓް މާކެޓިން އިނީޝިއޭޓިވްސް ނުވަތަ ދެފާރާތް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގުމާ ގުޅޭ ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއުއާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިނގިރޭސިވިލާތަށް ރައީސް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް ފަހެއްވާ ހޮނިހިރު ދުވަހު އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button