ސިޔާސީ

ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް

ޓޫރިޒަމް ހިދުމަތްދޭ ތަަންތަނުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ފެށި ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެ އަދަދަކީ ކުރިން ބޭންކްތަކަށް މާރުކުރާ އަދަދަށްވުރެ 40 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން 95 ޕަސެންޓް ފަރާތްތަކުން އެގޮތަށް އަމަލުކުރާ ކަމަށް ވިދާޅުވި އެވެ.

”ބާކީ ފަސް އިންސައްތަ ވެސް އިރާދަކުރެއްވިއްޔާ އެފަރާތްތަކާ އެކީގައި މަސައްކަތް ކުރަމުން މިދަނީ. ވަރަށް އެއްބާރުލުން ވެސް ލިބޭ ހުރިހާ ފަރާތްތަކެއްގެ. މީގެ ނަތީޖާއަކަށް ވާނީ ޓޫރިޒަމް ދާއިރާ ކުރިއަރާ މިންވަރަށް އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ޓާގެޓުތަކަށް ވާސިލުވުމަށްޓަކައި ކުރެވޭ މަސައްކަތް،“ އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިން ކަނޑައަޅާފައިވާ ގޮތަށް ބޭރަށް ފުރާ ދިވެހިންނަށް 1،000 ޑޮލަރު ލިބޭނެ ގޮތް ހެދުމާއި ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކުރުމަށް ވެސް އޭގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ. އަދި މިހާތަނަށް ޑޮލަރުގެ ތާށިކަމާ ހެދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުން ކަމަށާއި ނަމަވެސް މިއަހަރުގެ މެދު ތެރޭގައި އެކަން ހުއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button