ސިޔާސީ

ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެގޮތަށް ހިންގުމަށް ރައީސް ހަމަޖައްސަވައިފި

ތެލަސީމިއާ ސެންޓަރު ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށްޓަކައި، އެތަނަށް ބޭނުންވާ އެންމެހައި އާލާތްތަކާއި މެޑިކަލް ވަސީލަތްތައް އަދި މުވައްޒަފުން ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށާއި، މިހާރު އެ ސެންޓަރުގައި ދިމާވެފައިވާ އެންމެހައި ދަތިތައް ވަކި ޓައިމްލައިނެއްގެ ތެރޭގައި ރަނގަޅުކުރުމަށް އަންގަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުނުވަނީސް އެސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވާ ދެއްކެވި ޥާހަކަފުޅުގެ ތެރެއިންނެވެ.

ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ކަންކަން ތަފްސީލުކޮށް އޮޅުންފިލުއްވާފައިވާކަމަށާއި އެގޮތުން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ޙަލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.
އަދި ހުޅުމާލޭއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާތަންވެސް ބައްލަވާލައްވައި އެ މަސައްކަތް ކުރިއަށްދާގޮތްވެސް އޮޅުން ފިލުއްވިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ހުރި މައްސަލަތަކާއި ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވައި ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިރުޝާދު ދެއްވާފައިވާކަމަށެވެ.
2017 ވަނަ އަހަރުންފެށިގެން ތެލަސީމިއާ ސެންޓަރު ހިންގަމުން އަންނަނީ ޑިރެކްޓަރ ޖެނެރަލެއްވެސް ނެތިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކަން ވަގުތުން ޙައްލުކުރުމަށް އަންގަވާފައެވެ. އަދި ތެލަސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެގޮތަށް ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައްވެސް ވަގުތުން ހޯދުމަށް އިރުޝަދު ދެއްވާފައިވާކަމަށާއި، އެކަމަށް ފައިސާގެ އެއްވެސް ދަތިކަމެއް ނޯންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button