ޝަމްއާންގެ އަންހެނުންގެ ފޯން ހިފަހައްޓައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ވަނީ ޝަމްއާން ހައްޔަރުކޮށްފަ އެވެ.
ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ބަންދުގައި ބެހެއްޓުމަށްފަހު ޝަމްއާންގެ އަމުރަށް އޭނާ ދޫކޮށްލައި އޭނާ ގެންގުޅުނު 530،000 ރުފިޔާ އިމިގްރޭޝަންގެ އޮފިސަރުންތަކެއް މެދުވެރިކޮށް ޝަމްއާންގެ އެޕާޓްމަންޓަށް ގެންދިޔަ ކަމުގެ ތުހުމަތު ގައެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ އާއިލާގެ މެމްބަރެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށެވެ. އަދި އިތުރު ދެ މީހަކު ފުރުން މަނާ ކޮށްފައިވާ ކަމަށެވެ.
ޝަމްއާންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.