ސިޔާސީ

ވެމްކޯ އިން 32 ރަށެއްގައި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމްކުރަނީ

ރާއްޖޭގެ 32 ރަށެށްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް ގާއިމްކުރަން ވެމްކޯއާ އެކު އެންވަޔަރަމަންޓް މިނިސްޓްރީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެންވަޔަރމަންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

32 ރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ ސެންޓަރާއި ވަސީލަތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުނި މެނޭޖްކުރަން ބޭނުންވާ ވަޞީލަތްތަކާއި މަރުކަޒުތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތަށް އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އޭރުން މަސައްކަތްތައް އަވަހަށް ކުރިއަށްގެންގޮސް ނިންމުމަށް ފަސޭހަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މިހާރު މި ސޮއިކުރެވުނު 32 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަޞީލަތް ޤާއިމްކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ އެކަށޭނަ ނިޒާމެއް ހުރިހާ ރަށެއްގައި ޤާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަންޖެހޭކަމަަށެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަށްރަށް ހިމެނޭ ސަރަހައްދުގައި ޤާއިމުވެގެން ތިބޭ ވެމްކޯގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ބޭރުގެ ބަޔަކަށް މަސައްކަތް ހަވާލުކުރަން ނުޖެހި، ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް މުޖްތަބާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button