ސިޔާސީ

ރައީސްގެ ނަސޭހަތް: ރޯދަ މަހު ހަޔާތަށް ގެންނަ ހެޔޮ ބަދަލުގައި ދެމިތިއްބަވާ

ރޯދަ މަހު އުޅުމާއި ގުޅުންތަކަށް ގެންނަ ހެޔޮ ބަދަލުތައް މުޅި ހަޔާތުގައި ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ރޯދަ މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި ރައީސް ވިދާޅުވީ ކީރިތި ޤުރުއާން ބާވާލައްވައި ލައިލަތުލްގަދުރީގެ މަތިވެރި ރޭ ލެއްވެވި ރޯދަ މަހަކީ ނިއުމަތާއި ރަހްމަތުގެ މަހެއް ކަމަށެވެ. ރޯދަ މަހު ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިހްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫހަށް ލިބޭ އަގުހުރި ތަރުބިއްޔަތަކަށް ހެދުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރޯދަ މަހަކީ އަހަރަކު އެއް ފަހަރު ބައްދަލުކުރާ މަހަކަށް ވާތީ އެ ފުރުސަތުގައި އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދަމެހެއްޓުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ރޯދަ މަހަކީ ރީތި އުޅުމުގެ ނަމޫނާ ދައްކައިދޭ މަހަކަށް ހެދުމަށްވެސް އިލްތިމާސް ކުރެއްވި އެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުންދޭ ކަންކަމާ ދުރުވުމަށް ފުރަތަމަ ފިޔަވަޅު އަޅާ މަހަކަށް ރޯދަ މަސް ހެދުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ އިސްރާފުކުރުމާއި ވަގުތުގެ ނިއުމަތް ބޭކާރުކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހި، ފުދުންތެރި ދިރިއުޅުމެއް ހިޔާރުކޮށް، މާދަމާއަށްޓަކައި ދުނިޔަވީ އަދި އުޚްރަވީ ގޮތުން މަންފާހުރި އެތައް އަމަލަކާއި ހެޔޮކަމެއް ގޮވާންކުރުމުގެ އާދަ މިމަހު ހިފަން ޖެހޭ ކަމަށެވެ.

”ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު މި މަހު އައުކުރަމާތޯ،“ ރައީސް ވިދާޅުވި އެވެ.

ކޮންމެ ދިވެއްސަކުވެސް ޢާއިލާ ދެކެ ލޯބިވުމަށާއި އަވަށްޓެރީންނަށް ކަމޭހިތުމަށާއި ރަހްމަތްތެރިކަމުގެ ހައްގު އަދާކުރާ އިހްސާންތެރިއަކަށްވުމުގެ މޮޓޯގައި ރޯދަ މަހުން ފެށިގެން ދެމިހުރުމަށްވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީންކުރަންވީ އެއް ކަމަކީ ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނުގައި ދެމިތިބުމުން ކަމަށެވެ. ތިރި ޖަޒީރާ ރަށްތަކެއްގައި އާބާދުވެ ދިރިއުޅެމުންދާ މި ގައުމުގެ ރައްޔިތުންނަށް ﷲ ދެއްވި ނިއުމަތްތަކާއި، އަމާންކަމާއި، ރަހްމަތުގެ ބޮޑުކަމަކީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމުގައުވެސް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button