ފަސް ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުންދީފި

ބޭރު ގައުމުތަކަށް ކަނޑައަޅާ ނޮން ރެސިޑެންސް ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ހަތަރު ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިގޮތުން ބުރުނާއި ދާރުއްސަލާމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންސް ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އައްޔަންކުރެއްވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޝަބީނާ މި މަޤާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރުމަށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެލެއްވި 47 މެންބަރުން ވޯޓު ދެއްވިއެވެ.
އަދި މީގެ އިތުރުން ލަގްޒަމްބަރގްއާއި، ކިންގްޑަމް އޮފް ދަ ނެދަރލެންޑްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންސް ސަފީރު ކަމަށް ގީލާ އަލީ ހަމަޖެއްސުމަށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެލެއްވި 48 މެންބަރުން ވޯޓު ދެއްވިއެވެ.
ފްރާންސް އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންސް ސަފީރު ކަމަށް އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އިރުތިޝާމް އާދަމް އައްޔަންކުރުމަށްވެސް މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. އިރުތިޝާމް މި މަޤާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރުމަށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެލެއްވި 45 މެންބަރުން ވޯޓު ދެއްވިއެވެ.
މީގެ އިތުރުން އޮސްޓްރޭލިއާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންސް ސަފީރު ކަމަށް ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވެއިޒް އައްޔަންކުރުމަށް މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. ލުވެއިޒް މި މަޤާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރުމަށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެލެއްވި 48 މެންބަރުން ވޯޓު ދެއްވިއެވެ.