ސިޔާސީ

މާލޭ ސަރަހައްދުން 15000 ގޭބީސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދީފި

މާލޭ ސަރަހައްދުގައި މިހާތަނަށް ޖުމްލަ 15،000 ގޭބީސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަސްދަޅު ކޭސްތަކަކީ ސަރުކާރުން މި އަންނަ ރޯދަ މަހަށް ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީ އަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހެވެ. ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދެއްވާނެކަން ރައީސް މުއިއްޒު އިއުލާނު ކުރައްވާފައިވަނީ ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ޖަލްސާގައެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި މިހާތަނަށް ޖުމްލަ 15،000 ގޭބީސީ އަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވާ ކަމަށާއި މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން އުފަލާއެކު ކުރިއަށްދާ ކަމަށެވެ.

ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދާނެ ކަމަށާއި ދެވިފައިވާ ތާރީހް ހަމަވި ނަމަވެސް ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން މަސްދަޅު ކޭސް ބެހުނ ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button