ސިޔާސީ

ބަނޑިދޫގައި 50 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައިފި

ދ. އަތޮޅު ބަނޑިދޫ އައިސް ޕްލާންޓް ތަރައްޤީކުރުމަށް ބިންގާ އަޅައިފިއެވެ. މި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ބަނޑިދޫޢަށް ވަނީ ވަޑައިގެންފައެވެ. އެރަށުގައި ސަރުކާރުން ޚަރަދުކޮށްގެން ތަރައްޤީކުރާ އައިސްޕްލާންޓުގެ ބިންގާ އެޅުމުގެ ރަސްމިޢްޔާތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އައިސް ޕްލާންޓުގެ ބިންގާ އަޅުއްވައި ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. މި ރަސްމީއްޔާތުގައި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފް އަދި ބަނޑިދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބަނޑިދޫގައި ތަރައްޤީކުރާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ. މި މަޝްރޫޢުގެ ބިންގާ އަޅާފައިވާއިރު މިއީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަޝްރޫޢުއެކެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button