ސިޔާސީ

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ހުށަހެޅުއްވި މި ބިލް މަޖިލީހުން ފާސްކުރީ އިއްޔެގެ ޖަލްސާގައި ވޯޓު ދެއްވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައި ޑަބްލިއުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000 ރުފިޔާގެ އިނާޔަތް ދޭން ހިމަނާފައިވެ އެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ އެކު ކުރިއަށް އޮތް ރޯދަ މަހަށް ޑަބްލިއުޑީސީގެ މެންބަރުންނަށްވެސް ރޯދަ އިނާޔަތް ހަމަޖެހިގެންދާނެ އެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމުގެ އިތުރުން ޑަބްލިއުޑީސީތަކުގެ މަސްއޫލިއްޔަތު ތަފުސީލުކޮށް ގާނޫނުގައި ހިމަނަން މި ބިލުގައި ހުށަހަޅާފައިވެ އެވެ.

އަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދޭން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އދ. ދަނގެތީގެ ރައްޔިތުންނާ މިދިޔަ ޑިސެމްބަރު މަހު ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަހައްމަލް ކުރަމުންދާ ކޮމެޓީތަކެއް ކަމަށެވެ.

ރައީސް ވަނީ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބައެއް ކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެ ދުވަހު ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button