ގާނޫނު އިސްލާހުނުކޮށް މުސާރަތައް ކުޑަކުރެވެން ނެތްކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ހުށަހެޅި ގޮތަށް ކުޑަކުރެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ މި ވަގުތު ބަދަލުތައް ގެންނަން ނުފެންނަ ކަމަށް ރައީސަށް ލަފާ ދިނުމަށް ހުށަހަޅުއްވާފަ އެވެ. އަދި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު އެ ހުށަހެޅުން ހުށަހެޅުމަށް ލަފާ ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.
މި ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.