އޯގަނައިޒޭޝަންތަކަށް ކަނޑައަޅާ މަންދޫބުންނަށް ރުހުންދީފި

ބައިނަލްއަގުވާމީ އެޖެންސީތަކާއި އޯގަނައިޒޭޝަންތަކަަކަށް ރާއްޖެއިން ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި މަންދޫބުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދިފީ އެވެ.
އެގޮތުން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް އިނގިރޭސިވިލާތަަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އައްޔަންކުރަން ރައީސް ހުށަހެޅުއްވި އެވެ.
އައިއެމްއޯއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބަކަށް އިރުތިޝާމް އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ގެ ނަމެވެ.
ރިނިއުބަލް އެނާޖީ އެޖެންސީގެ މަންދޫބަކަށް މުންދު އައްޔަންކުރަން ފާސްވީވެސް ވޯޓު ދެއްވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، މ. ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދުގެ ނަމެވެ.
ޑަބްލިއުޓީއޯއަށް ސަލްމާ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް ކަނޑައަޅަން ރައީސް ހުށަހެޅުއްވީ ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މ. ވެސްޓްސައިޑް އަހުމަދު ސަރީރުގެ ނަމެވެ.
ސަރީރު އެ މަގާމަށް އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 74 މެންބަރުންގެ އިއްތިފާގުންނެވެ.