ރައީސް ފޮނުއްވި ދެ ބޭފުޅުން އީސީއަށް ހަމަޖައްސައި، ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބުރައީސްގެ މަގާމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް މިއަދު ރުހުންދީފި އެވެ.
އީސީގެ ރައީސް ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 ގެ ނަމެވެ. އަދި އީސީގެ ނައިބުރައީސްކަމަށް އައްޔަންކުރަން ހުށަހެޅުއްވީ އީސީގެ މެންބަރު އަބްދުއްރަޙްމާން ސަލާހް ރަޝީދު، ކ.ހުރާ، ރޯޒް ގެ ނަމެވެ.
އީސީގެ ރައީސް ކަމަށް މުހައްމަދު ޒާހިދު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެ ކޮމިޝަންގެ ނައިބުރައީސް ކަމަށް ސަލާހް އައްޔަންކުރަން ފާސްވީ 69 މެންބަރުންގެ ވޯޓުންނެވެ.
އީސީގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު އާއި އަބްދުއްރަޙްމާން ސަލާހް ރަޝީދު އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސަލާހް އީސީގެ މެންބަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގަ އެވެ.