މަޖިލިސް މިހާރު ހިނގަނީ ފުރިހަމަ މިނިވަންކަމާއެކު، އެމްޑީޕީއިން ފަތުރަނީ ދޮގު: މެމްބަރު ކައްޕި
Majilis mihaaru hingany furihama minivankamaa eku, mdp in fathurany dhogu: member kappi

ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާމެދު އެމްޑީޕީން ފަތުރަމުން ދަނީ ދޮގުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހިމް (ކައްޕި) ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މެމްބަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަނީ ފުރިހަމަ މިނިވަންކަމާއެކުކަމަށެވެ. ކުރީގެ ދައުރާ ޚިލާފަށް، މިހާރު އެއްވެސް މެންބަރަކު ބިރުވެރިކަމެއްގައެއް ނޫޅޭކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
މީގެއިތުރުން މެމްބަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވާ ބޭފުޅެއް ނޫންކަމަށެވެ. ޙަޤީޤަތް އޮޅުވާލައި ފިތުނަ އުފެއްދުމުގެ ބަދަލުގައި ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް މެމްބަރު ވަނީ އެމްޑީޕީއަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މާދަމާ އަކީ މިއަހަރުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ދުވަސްކަމުން، އެ ދުވަހުގެ ރިޔާސީ ބަޔާން އިއްވާ ވަގުތު މަޖިލިސް ދޮށަށް އެމްޑީޕީ އިން އެއްވުމަށް ވަނީ ނިންމާފައެވެ. މިއީ ސީދާ މަސްލަހަތު ނަގާލުމަށް އެމްޑީޕީ އިން ރާވާ ކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.