ޚަބަރު

ޖިންސީ ގޯނާގެ މުޑުދާރު ތުހުމަތުކުރި އަލީ ވަހީދު އެންމެފަހުން ހުދުކާފޫރަށް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބަލައި އެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމުގެ ދަޢުވާ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ 18 ނޮވެމްބަރު 2020 ގައެވެ.

އެހެންނަމަވެސް އޭގެފަހުން އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާތަކުގެ އަޑުއެހުންތައް ހިނގަމުން ދަނިކޮށް އަލީ ވަހީދު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށްފަހު އެނބުރި އައިސްފައިނުވާތީ އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތް ނުވެގެން 22 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކޯޓުން މައްސަލަ ޕީޖީ އޮފީހަށް އަނބުރާ ފޮނުވާލާފައިވާކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ކޯޓުން މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށްކަމަށާއި އަލީ ވަހީދު ދިވެހިރާއްޖެ އައުމުން އަލުން ހުށަހެޅުމަށް ދަންނަވައި 6 އޮކްޓޫބަރު 2022 ވަނަ ދުވަހު މައްސަލަ އަނބުރާ ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވާފައިވާކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ރައީސް އިބްރާހިމްގެ އަރިހަށް ގޮސް އެ ވާހަކަތައް ހިއްސާކުރުމުން ރައީސް އިބްރާހިމް ވަނީ ކީރިތިކުރައްވާފައެވެ. އަދި އަލީވަހީދު މަޤާމުން އިސްތިއުފާދެއްވުމަށް އެންގެވިއެވެ. އެހެންނަމަވެސް އަލީ ވަހީދު ކޯޓައް ފިއްލަވައިގެން ހުންނަވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރާއި، ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް ކަޅު ދަބަހެއްގައި އުފުއްލެވިކަމާއި އެނޫންވެސް އެތައް ތުހުމަތުތަކެއް ކުރެއްވިއެވެ.

އޭގެފަހުން ގިނަ ދުވަސްތަކަކަށްފަހު އަލީ ވަހީދަށް ކުރާ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތަށް އެރުވުމުގެ ރަސްމިއްޔާތަށް މި އަހަރު ވަޑައިގެން އަލީ ވަޙީދާ ބައްދަލުކުރައްވައި، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ފިޔަވަޅެއް ސަރުކާރުން ދެން ނާޅާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ”ދިޔަރެސް“ ނޫހުން ރިޕޯޓްކުރިއެވެ. އެހެން ނަމަވެސް ސަރުކާރުގެ ތަރުޖަމާނު އެކަން ދޮގުކުރެއްވިއެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން އެކަން ދޮގު ކުރައްވާފައި ވަނިކޮށް ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަލީ ވަހީދުގެ މައްޗަށް އުފުލި ދަޢުވާތައް އަނބުރާ ގެންދަން ނިންމީ، އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުން އަންނަ ކަމަށް ބުނެ، އެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު އެދުމުން ކަމަށެވެ.

”މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްފަ އެވެ.“ ޕީޖީގެ ބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އެ މީހުންގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ދަޢުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ގެންދިޔައީ އެވެ.

އަލީ ވަހީދުގެ މައްސަލާގައި މިފަދައިން ޢަމަލުކޮށްފައި ވުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރާއި، ޕީޖީއަށް ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button