ރާއްޖޭގައި ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެކަމަށް ފުލުހުން ބުނެފި

ރާއްޖޭގައި ބާއްވަން ރާވަމުން ދިޔަ ހިންދޫ ދީނުގެ ފެސްޓިވަލެއް ކަމަށްވާ ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެންގުމުން، އެ ފެސްޓިވަލް ކެންސަލްކޮށްފި އެވެ.
ފުލުހުން ބުނީ އެ ފެސްޓިވަލް އިންތިޒާމުކުރި ފަރާތްތަކަށް އެ ހަރަކާތް ނުބާއްވަން އެންގި ކަމަށާއި އެފަދަ ހަރަކާތްތައް ހިންގާނަމަ އެ އިދާރާއިން ހުއްޓުވާނެ ކަމަށެވެ.
ހުޅުމާލެ ސިންތެޓިކް ޓްރަކްގައި ”ތަމިލް ޕޮންގަލް 2025“ ގެ ނަމުގައި އެ ފެސްޓިވަލް ބޭއްވުމަށް ރޭވީ އަންނަ ހުކުރު ދުވަހު އެވެ.
މި މައްސަލައިގައި ފުލުހުން އާންމު ކުރި ބަޔާނުގައި ބުނީ އަންނަ ހުކުރު ދުވަހު ”ޕޮންގަލް 2025“ ގެ ނަމުގައި ބޭއްވުމަށް މަސައްކަތް ކުރަމުން ދިޔަ ހަރަކާތް ކުރިޔަށް ނުގެންދެވޭނެކަމަށް އެކަން އިންތިޒާމު ކުރި ފަރާތްތަކަށް އެންގިކަމަށެވެ. އަދި ފެސްޓިވަލް ކެންސަލް ކުރިކަމަށް މިހާރު މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ބަޔާން ނިންމާލައި ފުލުހުން ވަނީ މިފަދަ އެއްވެސް ހަރަކާތެއް ގެންދިއުމަށް ބަޔަކު ރާވާނަމަ އެކަމެއް ހުއްޓުވާނެކަމުގެ ޔަގީންކަން ދީފައެވެ.