ޚަބަރުސިޔާސީ

ޕީޕީއެމް މުޒާހަރާއިން ރޭގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވުނު ވ. އާރަށު މައްސަލާގައި، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށްފަހު މާފުށްޓަށް ގެންގޮސްފައިވާތީ، އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ރޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ރޭގައި އިދިކޮޅުން ކުރި މުޒާހަރާގައި އެ ޕާޓީގެ އިސް ބޭފުޅުންވެސް ބައިވެރިވިއެވެ. އެތައް ބަޔަކު އެ މުޒާހަރާގައި ބައިވެރިވެފައިވާއިރު، ގިނަ އަދަދެއްގެ ފުލުހުންގެ އެ ސަރަކައްދުގައި ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާ ކުރިއަށް ގެންދިޔައީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައެވެ.

ރައީސް ޔާމީނަށް ކުރި ހުކުމް ގަބޫލުނުކުރާނެކަމަށް އިދިކޮޅުން ބުނާއިރު، އެމަނިކުފާނު މިނިވަންކުރުމަށްޓަކައި ކުރެވެންއޮތް ހުރިހާ ކަމެއް ކުރާނެކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުންވެސް އެކަމުގައި ބައިވެރިވުމަށްޓަކައި މާލެއަށް އައުމަށްވެސް އެޕާޓީން ގޮވާލާފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި 16 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ސެނެޓާސް ދާއިރާގެ ބައެއް ރައީސުންވެސް ހިމެނެއެވެ. އަދި ފުލުހުންގެ ފަރާތުން މައުލޫމާތު ލިބޭގޮތުގައި އެ އެންމެންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button