
ސޯޝަލްމީޑިއާގެ ބައެއް ޕްލެޓްފޯމުތައް ބްލޮކްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކެއް ބްލޮކްކުރުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެފަދަ ފިޔަވަޅެއް އަޅަން ސަރުކާރުން މަޝްވަރާކޮށްފައިނުވާ ކަން ހީނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުން ފުޅަކީ ގާނުނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގާނޫނުގެ އިންތަކާއި ހުދޫގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.