ޚަބަރުސިޔާސީ

އަމާޒަކީ ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރާ ސަރުކާރެއް ބިނާކުރެއްވުން: ރައީސް

ޢަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު އޮތް ރައުންޑްޓޭބަލް މަޝްވަރާތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނާއި، ޓެކްނޮލޮޖީގެ ދާއިރާގެ މަންދޫބުން ވަނީ ޑިޖިޓަލް ވެށްޓަކަށް އެސްޓޯނިއާއިން ކުރި ފާހަގަކޮށްލެވޭ ދަތުރާ ބެހޭ މަޢުލޫމާތު ހޯއްދަވައި، އެމަސައްކަތްތައް ބައްލަވައިލައްވާފައެވެ.
ރައުންޑްޓޭބަލް މަޝްވަރާތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރެއްވިއެވެ. ޑިޖިޓަލް ރާއްޖޭގެ ތަޞައްވުރަކީ، އެންމެންނަށްވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަޞައްވުރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓޮނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގެ މޭރުމުން ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެއްވިއެވެ. އަދި މިހާރަށްވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button