
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގަނެފައިވަނީ އެތަނަށް އެޓެންޑްވި އެ ކުންފުނީގެ މުވައްޒަފެއް ކަމަށެވެ.
އެމީހާ އަތުލައިގަތް ވަގުތު އެތަނަށް އެޓެންޑުވި ސްޓެލްކޯގެ މުވައްޒަފު ގައިގައި އެ މީހާ ވަނީ ރެންޗުން ޖަހައި މާރާމާރީ ހިންގާފައި ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ޓްރާންސްފޯމަރުން ވައްކަންކޮށް، ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދިން މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ށ. ބިލަތްފަހި، ޗަނބޭލީގޭ އިބްރާހިމް ޒާލިފްއެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.