ޕާޓީގެ ނަމުގައި ސައްހަ ނޫން ފޯމު ހުށަހެޅިކަން ފާހަގަކުރެވިފައިވޭ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްނަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ”މެންބަޝިޕް ޑްރައިވް“ ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އީސީއަށް ހުށަހަޅާފައި ވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޕީއެންސީ އިން ބުނީ ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން ޕާޓީގައި ނެތް ކަމަށެވެ.
ޕީއެންސީ އިން ވަނީ ގިނަ ޕާޓީ އެކުލެޥޭ ވާދަވެރި ސިޔާސީ މާހައުލެއް ރާއްޖޭގައި ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް ރާއްޖޭގައި ވަސީލަތްތައް ހުރި ގޮތުން މިކަމަކީ އެ ޕާޓީއަށް އެކަނ އޮތް ގޮންޖެހުމެއް ނޫންކަން ފާހަގަކޮށްފަ އެވެ.
ސައްހަ ނޫން ފޯމުތަކެއް ޕީއެންސީގެ ނަމުގައި އީސީއަށް ހުށަހަޅާފައިވާ ކަމަށް ބަޔާޏްކޮށް އީސީ އާއި ފުުހުންނަށް ޝަކުވާތަކެއް ލޮގް ކޮށްފައިވާތީ އެ ދެ މުއަައްސަސާއިން ވެސް އެ މައްސަލަތައް ބަލަމުން ގެންދާކަން އަންގާފައިވާ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
އެ ދެ މުއައްސަސާއަށް މިކަން ބެލުމުގައި ފުރިހަމަ އެއްބާރުލުން ޕާޓީން ދެމުން ގެންދާނެ ކަމަށްވެސް ޕީއެންސީން ބުނެފައިވެ އެވެ.
ޕީއެންސީ އިން ބުނީ ސައްހަ ނޫން ފޯމުތަކެއްގެ މުގާބިލުގައި ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ޕާޓީގެ ރައީސް އަދި ލީޑަޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.