
މިފްކޯއިން ކޫއްޑޫގައި މަސްކިރުމަށް ބޭނުންކުރާ ކްރޭން ތަކުގެ ތެރެއިން މައްސަލަ ދިމާވެފައިވާ ކްރޭ މިއަދު އޮޕަރޭޝަނަށް ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މީހަކު ކުރި ޕޯސްޓެއްގައި މަސްކިރުމަށް ބޭނުންކުރާ ކްރޭތަކުގެ ތެރެއިން ކްރޭނެއް ހަލާކުވެފައިވާތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ މަސްވެރިކަން ރަނގަޅުވެ، ގިނަ އޮޑިފަހަރުތައް މަސްކިރަން ކިއުގަ ޖެހޭއިރު ކުއްޑޫގެ ދެ ކްރޭނެއް ހަލާކުވެފައިވާ ކަމަށެވެ. އަދި މެންދުރުފަހު ކިއުގަ ޖެހޭގޮތަށް ރޭގަނޑު ވަންދެން މަސްވެރިން މަޑުކުރަން ޖެހޭ ކަމަށާއި ދޮށީ މަސްވެރިކަމުގެ މައި މަރުކަޒުގައި ގާއިމުކޮށްފައިވާ ކޫއްޑޫ މޫސުމަށް ތައްޔާރުވެފައި ނެތުމަކީ މިފްކޯގެ މެނޭޖްމެންޓުން އަދިވެސް މިކަމަށް އެކަށީގެންވާ ސަމާލުކަން ނުދޭކަމުގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މިފްކޯ އިން ބުނީ، ކޫއްޑޫގައި މިވަގުތު ހުރި ތިން ކްރޭންގެ ތެރެއިން ދެ ކްރޭން އަކީ ފުލީ ފަންކްޝަނަލް ދެ ކްރޭން ކަމަށެވެ. އަދި މައްސަލަ ދިމާވެފައިވަނީ އެންމެ ކްރޭން އަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ ތިން ވަނަ ކްރޭނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި މިފްކޯގެ އިންޖިނިއަރިން ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.