ސްޕޯޓްސް ފިޝިންގ މަސްވެރިކަމަކީ މިއަދު ދިވެހިރާއްޖޭގައި ހަލުވިކަމާއިއެކު ފުޅާވަމުން އަންނަ ސިނާއަތެކެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުން އަމިއްލަ ހިތްހަމަޖެހުމަށް މިބާވަތުގެ މަސްވެރިކަން ކުރަމުން ދާއިރު، އާމްދަނީ ހޯދުމުގެ ގޮތުން މިބާވަތުގެ މަސްވެރިކަން ކުރާ ޒުވާނުންވެސް މިއަދު މަދެއް ނޫނެވެ.
ސްޕޯޓްސް ފިޝިންގ ދާއިރާގެ މަސްވެރިންނާއި، ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންގެ މެދުގައި އެންމެ ބޮޑު ކޯޅުމެއް އަބަދުވެސް އޮންނަނީ އޮއެވާލި ކަނދުފަތިތަކުގެ މައްސަލައިގައެވެ. ރާއްޖޭގެ ކަނދުފަތިތަކުގެ ވިއުގާގައި މިވަގުތު 56 ކަނދުފައްޗެއް އޮތްއިރު، މިހުރިހާ ކަނދުފަތިތަކަކީ ވެސް ދޮށީގެ މަސްވެރިކަމަށް ޚާއްސަކުރެވިފައިވާ ކަނދުފަތިތަކެވެ. މި ކަނދުފަތިތަކުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ މިނިސްޓަރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން، ގާނޫނު ނަންބަރ 14/2019 އާއި ގުޅިގެން އެމިނިސްޓްރީއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ހަދާފައިވާ މަސްވެެރިކަމުގެ އާންމު ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން މަނާ ކަމެކެވެ.
”22(ހ): މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން ގެންދާ އޮއިވާލި ކަނދުފަތީގެ ވިއުގައިގައި
ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 (ތިނެއް) މޭލު ސަރަޙައްދުގައި އާންމުގޮތެއްގައި ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.“
ރާއްޖޭގެ ގާނޫނުތަކުގައި މިކަން މަނާކަމެއްގެ ގޮތުގައި އޮތް ނަމަވެސް، މިގަވާއިދަކީ އެއްވެސް އިރެއްގައި މާރަނގަޅަށް ތަންފީޒު ކުރެވެމުން އައި ގަވާއިދެއް ނޫނެވެ. ކަންމިހެން އޮތުމުން ސްޕޯޓްސް ފިޝިންގ މަސްވެރިންނާއި ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންގެ މެދުގައި ވަނީ ގިނަ މައްސަލަތަކެއް އުފެދިފައެވެ. ސްޕޯޓްސް ފިޝިންގ މަސްވެރިން ކަނދުފަތިތަކުގައި މަސްވެރިކަން ކުރުމުގެ ސަބަބުން ކަނދުފަތިތަކުގެ މަސްވެރިކަން ދައްވަމުން ދާ ކަމަށް މަސްވެރިން ބުނަމުން ދާއިރު، ސްޕޯޓްސް ފިޝަރމަނުން ބުނަމުން ދަނީ، ކަނދުފަތިތަށް ފަދަ ވަސީލަތްތަކުގެ ބޭނުން އެންމެނަށް ހަމަހަމަ އުސޫލަކުން ހިފޭނެ ފަދައިން ގަވާއިދު ބަދަލުކުރަން ޖެހޭކަމަށެވެ.
ސްޕޯޓްސް ފިޝިންގ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި، މިކަމަށް ދާއިމީ ހައްލަކަށް ގިނަ ޒުވާނުން އެދި އެދި ތިއްބާ ފިޝަރީޒް މިނިސްޓްރީއިން ވަނީ ސްޕޯޓްސް ފިޝިންއަށް ޚާއްސަ ކަނދުފަތިތަކެއް އެޅުމުގެ މަޝްވަރާކުރާ ކަމުގެ ފެހި ސިގުނަލެއް ދީފައެވެ.
’އަދަދު‘ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަަސަންވަނީ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ކަނދުފަތިތަކެއް އަޅައިފިނަމަ މަސް ހިފެހެއްޓޭނެ ވަރު އިތުރުވާނެ ކަމަށް ފެންނާތީ، ކަނދުފަތިތަށް އިތުރު ކުރުމުގެ މަަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މުނިފޫހި ފިލުވުމަށް މަސްވެރިކަން ކުރާ (ސްޕޯޓްސް ފިޝަރމަނުން) ފަރާތްތަކަށް ޚާއްސަކޮށްގެން އަތޮޅުތެރޭގައި ކަނދުފަތިތަކެއް އެޅުމުގެ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް، މި އިންޓަރވިއުގައި މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ”ބޮންތި“ އަށް މައުލޫމާތުދެމުން ވިދާޅުވެފައިވަނީ މިކަމާ ބެހޭގޮތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ބޮޑުކަންނެލީގެ މަސްވެރިންނާއި، ދޮށީގެ މަސްވެރިންނާއި އަދި ސްޕޯޓްސް ފިޝިންގ މަސްވެރިންނާއި، އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް މަޝްވަރާކުރާނެ ކަމަށެވެ. އަދި ވަކި ނިންމުމެއް ނިންމުމަށް އަދި ލަސްތަކެއް އައުން އެކަށީގެންވާކަމަށްވެސް މިނިސްޓްރީގެ ފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް އެންވެރިކަމަށް ހާއްސަ ކަނދުފަތިތަކެއް އެޅުމަށްވެސް މިނިސްޓްރީގެ ފަރާތުން ދަނީ މަޝްވަރާކުރަމުންނެވެ. އެން ލިބުން ދަތިވެ، އެން ހޯދަން ފުނަށް ފީނުމުގެ ތެރޭގައި ދިމާވާ ހާދިސާތައް މަދުކުރުމަށް މިއީ މުހިންމު ކަމެކެވެ.
މިކަމާއި ބެހޭގޮތުން ”ބޮންތި“ އަށް މައުލޫމާތު ދެމުން، މަސްވެރިކަން ޕްރޮމޯޓްކުރުމުގައި ޒުވާން މަސްވެރިޔާގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރު، ސާޖިން ބުނެފައިވަނީ މިފަދައިން ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ކަނދުފަތިތަކެއް ގާއިމުކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެފަރާތުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނޭ ކަމަށެވެ.
”ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ކަނދުފަތިތަކެއް އެޅުމަކީ މިހާރު ކަނދުފަތިތަކުގައި އެކިބާވަތުގެ މަސްވެރިކަން އެއްފަހަރާ ކޮށްގެން ދިމާވާ މައްސަލަތަކަށް އޮތް ދާއިމީ ހައްލު.“ ސާޖިން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިދިޔަ ހުކުރު ދުވަހުވަނީ ކަނދުފަތިތަކުގެ ވިއުގަ ފުޅާކުރުމާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ކަނދުފަތީގެ މަސްވެރިކަމާބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމާއި، ސްޕޯޓްސް ފިޝިންގއަށް ވަކި ވިއުގައެއް ގާއިމުކުރުމާއި، އެންކަނދުފަތި އެޅުން އަދި ދޮށީގެ މަސްވެރިކަމަށް ގާއިމުކޮށްފައިވާ ވިއުގަ ފުޅާކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި މަސްވެރިކަމުގެ އެކި ދާއިރާތަކުން ބޭފުޅުން ބައިވެރިވެފައިވެއެވެ.