ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފާފައިވާ މީހުން އެކަމުން ދުރުކުރުމަށް، އެހީވުމަށް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް ވިދާޅުވީ ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ދުންފަތް ބޭނުން ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ދުންފަތާ ދުރުވުމަށް އެހީވުމަށް ޓޮބޭކޯ ސިޒޭޝަން ކްލިނިކް ގާއިމްކުރަން މިދިޔަ އަންގާރަ ދުވަހު ކެބިނެޓުން ވަނީ ނިންމައިފަ އެވެ. ސިޒޭޝަން ހިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ހުރިހާ ރަށަކުން އެ ހިދުމަތް ލިބޭނެ ގޮތް ހެދުންކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން ސިޒޭޝަންގެ ހިދުމަތް މާލޭގައި ދެނީ ތިން ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި މިހާރު އަތޮޅު ތެރޭގެ 48 ރަށަކުން އެ ހިދުމަތް ލިބެ އެވެ. މީގެ އިތުރުން އެކަމަށްޓަކައި ހާއްސަ ހޮޓްލައިނެއް ވެސް ހެލްތު މިނިސްޓްރީން ވަނީ ގާއިމްކޮށްފަ އެވެ.